ހިތް ހެޔޮކުރުމުގެ މާތްކަން

ن الحمدَ لله، نحمدُه ونستعينُه ونستغفِرُه، ونُؤمِنُ به ونتوكَّلُ عليه، ونُثنِي عليه الخيرَ كلَّه، نشكُرُه ولا نكفُرُه، ونخلَعُ ونترُكُ مَن يفجُرُه، إيَّاهُ نعبُد، وله نُصلِّي ونسجُد، وإليه نسعَى ونحفِد، نرجُو رحمتَه ونخشَى عذابَه، إنَّ عذابَه الجِدَّ بالكُفَّار مُلحِق، وأشهدُ أن لا إله إلا الله وحدَه لا شريكَ له، وأشهدُ أن محمدًا عبدُه ورسولُه، وصفِيُّه وخليلُه، بلَّغ الرسالةَ، وأدَّى الأمانةَ، ونصَحَ للأمة، وجاهَدَ في الله حقَّ جِهادِه حتى أتاهُ اليقِينُ مِن ربِّه، صلَّى الله وسلَّم وبارَك عليه، وعلى آلِه وأصحابِه والتابِعِين، ومَن تبِعَهم بإحسانٍ إلى يوم الدين.

* އަޅުގަނޑުގެ ނަފްސަށާއި ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރަނީ ﷲ عزَّ وجل އަށް ތަޤުވާވެރިވުމަށެވެ. ފަހެ، އެއީ ކުރީގެ މީހުންނާއި ފަހުގެ މީހުންނަށްވެސް ﷲ ތަޢާލާ ކުރައްވާފައިވާ ވަޞިއްޔަތެވެ.

﴿وَلَقَدْ وَصَّيْنَا الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَإِيَّاكُمْ أَنِ اتَّقُوا اللَّهَ﴾ [النساء: 131]

މާނައީ: “އަދިހަމަކަށަވަރުން ﷲއަށް ތަޤުވާވެރިވުމަށް ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންނަށާއި، ތިޔަބައިމީހުންނަށް، ތިމަންއިލާހު ވަޞިއްޔަތް ކުރައްވާ އެންގެވީމެވެ.”

* ފަހެ، އެމީހެއްގެ ހިތުގައި ތައުޙީދާއެކު (އެބަހީ: ﷲގެ އެއްކައުވަންތަކަމާއެކު)، އަޅުތަކުންނަށް ހިތް ހެޔޮކޮށްފިމީހާ ދަންނައެވެ. ފަހެ، އެމީހެއްގެ ހިތަށް ރަޙްމަތާއި މަޣުފިރަތު ލިބޭނެއެވެ. އޭ ﷲ ގެ އަޅުތަކުންނޭވެ. ފަހެ، ސަލާމަތްވެގެންވާ ހިތަކީ ﷲ ޚަބަރު ދެއްވާފައިވާ ކަންކަމާ ތަޢާރުޟުވާ އެންމެހާ ޝުބުހަތަކުން ސަލާމަތްވެގެންވާ ހިތެވެ. އަދި ﷲ އާ ދުރުކުރުވާ އެންމެހާ ޝަހުވަތްތަކުން ވެސް ސަލާމަތްވެގެންވާ ހިތެވެ.

* އިބްނުލް ޤައްޔިމު ވިދާޅުވިއެވެ.

“ފަސް ކަމަކުން ސަލާމަތްވެއްޖައުމަށް ދާންދެން ސަލާމަތްވެގެންވާ ހިތަކަށް ނުވެއެވެ. އެއީ: ތައުޙީދާ ފުށުއަރާ ޝިރުކާއި، ސުންނަތާ ޚިލާފުވާ ބިދުޢައާއި، އަމުރުކުރައްވާފައިވާ ކަންކަމާ ޚިލާފުވާ ޝަހުވަތާއި، ޛިކުރާއި ފުށުއަރާ ޣާފިލުކަމާއި، އިޚްލާޞްތެރިކަމާއި ފުށުއަރާ ހަވާނަފްސެވެ.”

* ފަހެ، ސަލާމަތްވެގެންވާ ހިތްތަކަކީ ތަޤުވާވެރިކަމާއި އީމާންތެރިކަމުން ފުރިފައިވާ ހިތްތަކެކެވެ. އަދި އެހިތްތައް ފުރިގެންވަނީ ހެޔޮކަމާއި އިޙްސާންތެރިކަމުންނެވެ. އަދި އެފަދަ ހިތްތަކެއްގެ ވެރިންވަނީ އެންމެހާ ރިވެތި އަޚްލާޤުން ޒީނަތްތެރިވެގެންނެވެ. އަދި އެބައިމީހުންގެ ދިރިއުޅުމުގައިވާނީ ޠާހިރުކަމާއި އެހެން މީހުންނަށް ހެޔޮއެދުމެވެ.

* އެހެންކަމުން މީސްތަކުންގެ ތެރެއިން އެންމެ ޠާހިރު ހިތްތައް ލިބިގެންވަނީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނެވެ. އެބޭކަލުންނީ އެބޭކަލުންގެ ޤައުމުގެ މީހުންނާއި އުންމަތުގެ މީސްތަކުންނަށް ހެޔޮކަން ލިބުމަށް އެންމެ ބޮޑަށް ލޯބިކުރެއްވި ބޭކަލުންނެވެ. އެބައިމީހުންނަށް ނަސޭހަތްތެރިވެލެއްވުމާއި އިރުޝާދުދެއްވުމާއި އުނގަންނައިދެއްވުމާއި ހެޔޮމަގު ދެއްކެވުމުގައި އެބޭކަލުންގެ ނަފްސުތައް ޤުރުބާންކުރެއްވިއެވެ.

* ޔޫސުފުގެފާނާމެދު އެކަލޭގެފާނުގެ އަޚުން އެކުރެއްވި ކަންތަކަށް ފަހުގައިވެސް، އެއޯގާތެރި ކަލޭގެފާނު އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވި ބަސްފުޅުގެ ވާހަކަ ﷲ ތަޢާލާވަނީ ޤުރުއާނުގައި އަޅުގަނޑުމެންނަށް ކިޔައިދެއްވާފައެވެ.

﴿قَالَ لَا تَثْرِيبَ عَلَيْكُمُ الْيَوْمَ يَغْفِرُ اللَّهُ لَكُمْ وَهُوَ أَرْحَمُ الرَّاحِمِينَ﴾ [يوسف: 92]

މާނައީ: “މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް ﷲ ފާފަފުއްސަވާށިއެވެ! އަދި އެއިލާހީ ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ.”

* އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم އާމެދު ދަންނައެވެ. ފަހެ، ﷲ ތަޢާލާވަނީ އެކަލޭގެފާނުގެ މޭފުޅު ތަނަވަސް ކޮށްދެއްވާ، އެކަލޭގެފާނުގެ ހިތްޕުޅު ސަލާމަތްތެރިކޮށްދެއްވާ، އެކަލޭގެފާނުގެ ނަފްސު ޠާހިރު ކޮށްދެއްވާފައެވެ. އުނދަގޫކުރެވޭނެ އެންމެ ބޮޑަށް އެކަލޭގެފާނަށްވަނީ ދަޢުވަތުގެ މަގުގައި މީސްތަކުން އުނދަގޫކޮށްފައެވެ. އެއާއެކުވެސް އެކަލޭގެފާނު ވެވަޑައިގެންނެވީ މީސްތަކުންގެ ތެރެއިން ސަލާމަތްވެގެންވާ ހިތުގެ ވެރިޔާއަށެވެ. އަދި އެބައިމީހުންގެ ތެރެއިން އެންމެ ޢަފޫކުރައްވާ ފަރާތަށެވެ.

* އަދި ނަބީބޭކަލުންނަށްފަހު، މީސްތަކުންގެ ތެރެއިން އެންމެ ޠާހިރު ހިތްތަކުގެ ވެރިންނަކީ ޞަޙާބީންނެވެ. ފަހެ، އެބޭކަލުން ޞިފަކުރައްވާ ﷲ جلَّ وعلا ވަޙީކުރެއްވިއެވެ.

﴿وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِنْ قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِمَّا أُوتُوا وَيُؤْثِرُونَ عَلَى أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَئِكَ هُمُ الْمُفْلِحُونَ﴾ [الحشر: 9]

މާނައީ: “އަދި އެބައިމީހުންގެ ކުރީގައި، މަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމުވެތިބި އަންޞާރުން، އެބައިމީހުންގެ ގާތަށް ހިޖުރަކުރި މުހާޖިރުންދެކެ ލޯބިވެއެވެ. އަދި އެބައިމީހުންނަށް (އެބަހީ: މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެބައިމީހުން (އެބަހީ: އަންޞާރުން)ގެ ހިތްތަކުގައި ނުވެއެވެ. އަދި އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެބައިމީހުންނަށް އިސްކަންދެއެވެ. އެބައިމީހުންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުންނީ ހަމަ ދިންނަވާނެ މީހުންނެވެ.”

*އަނަސް ގެ އަރިހުން رضي الله عنه ރިވާވެގެންވެއެވެ.

أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَخَذَ سَيْفًا يَوْمَ أُحُدٍ فَقَالَ: «مَنْ يَأْخُذُ مِنِّي هَذَا؟» فَبَسَطُوا أَيْدِيَهُمْ، كُلُّ إِنْسَانٍ مِنْهُمْ يَقُولُ: أَنَا، أَنَا، قَالَ: «فَمَنْ يَأْخُذُهُ بِحَقِّهِ؟» قَالَ فَأَحْجَمَ الْقَوْمُ. فَقَالَ سِمَاكُ بْنُ خَرَشَةَ أَبُو دُجَانَةَ: أَنَا آخُذُهُ بِحَقِّهِ. قَالَ: فَأَخَذَهُ فَفَلَقَ بِهِ هَامَ الْمُشْرِكِينَ. [رواه مسلم]

މާނައީ: އުޙުދު ހަނގުރާމައިގެ ދުވަހު ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ކަނޑި ނަންގަވާ ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނު ފަރާތުން މީގައި ހިފާނީ ކާކު ހެއްޔެވެ؟” ފަހެ، އެބައިމީހުން އަތްތައް ދަމާލިއެވެ. އޭގެ ތެރެއިން ކޮންމެ މީހަކުވެސް “އަހަރެން، އަހަރެން” ބުނަމުން ދިޔައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ، ޙައްޤުގޮތުގައި އޭގައި ހިފާނީ ކާކު ހެއްޔެވެ؟” (އަނަސްގެފާނު) ވިދާޅުވިއެވެ. “ފަހެ، މީސްތަކުން ފަހަތަށް ޖެހުނެވެ. ފަހެ، ސިމާކު ބުން ޚަރަޝާ އަބޫ ދުޖާނާ ދެންނެވިއެވެ. ޙައްޤުގޮތުގައި ތިމަން އޭގައި ހިފާނަމެވެ.” (އަނަސްގެފާނު) ވިދާޅުވިއެވެ. ފަހެ، އެކަލޭގެފާނު އޭގައި ހިއްޕެވިއެވެ. އަދި އޭގެން މުޝްރިކުންގެ ބޯތައް ޒަޚަމްކުރެއްވިއެވެ.”

އަބޫ ދުޖާނާ رضي الله عنه މަރަށް ޙާޟިރުވިއިރު އެކަލޭގެފާނުގެ މޫނުފުޅު އަލިވެގެންވިއެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރުމުން، ﷲ ތަޢާލާއާއި އެއިލާހުގެ ރަސޫލާއަށް ނަޞްރު ދެއްވި މަތިވެރި ވަގުތުގެ ވާހަކަ ޛިކުރު ނުކުރައްވައެވެ. އެހެންނަމަވެސް އެކަލޭގެފާނު ޛިކުރު ކުރެއްވީ މުޅިން އެހެން ވާހަކައެކެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ.

“އަހުރެންގެ ޢަމަލުތަކުގެ ތެރެއިން އެންމެ އިތުބާރު އޮތީ ދެކަމަކަށެވެ. އެއްކަމަކީ، އަހުރެންނާ ނުބެހޭ ކަމެއްގައި އަހުރެން ވާހަކަ ނުދައްކަމެވެ. އަނެއްކަމަކީ، އެންމެހާ މުސްލިމުންނަށްޓަކައި އަހުރެންގެ ހިތް ހެޔޮވެގެން ވެއެވެ.”

* ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީން ޞިފަކުރައްވަމުން އިޔާސް ބުން މުއާވިޔާ ވިދާޅުވިއެވެ.

“އެބޭކަލުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އެބޭކަލުންގެ ތެރެއިން އެންމެ ހިތް ހެޔޮ މީހާއެވެ. އަދި ޣީބައާ އެންމެ ދުރު ބޭކަލުންނެވެ.”

* ސަލާމަތްވެގެންވާ ހިތަކީ، އެންމެ ފުރަތަމަ ޖީލުތަކުގެ ބޭކަލުން ކުރެ ދެޖިންސުންގެ ބޭކަލުންގެ ކިބައިންވެސް ފެންނަން އޮތްކަމެކެވެ. އިފްކުގެ ޙާދީޘާއާބެހޭ ގޮތުން ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.

وَكَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَسْأَلُ زَيْنَبَ ابْنَةَ جَحْشٍ عَنْ أَمْرِي، فَقَالَ: «يَا زَيْنَبُ مَاذَا عَلِمْتِ أَوْ رَأَيْتِ؟» فَقَالَتْ: يَا رَسُولَ اللَّهِ أَحْمِي سَمْعِي وَبَصَرِي، مَا عَلِمْتُ إِلَّا خَيْرًا، قَالَتْ: وَهِيَ الَّتِي كَانَتْ تُسَامِينِي مِنْ أَزْوَاجِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ. [رواه البخاري]

މާނައީ: ޒައިނަބް ބިންތު ޖަޙްޝުގެ އަރިހުގައި ތިމަން ކަމަނާއާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ސުވާލުކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭ ޒައިނަބެވެ. ކަމަނާއަށް އެނގިވަޑައިގަންނަވަނީ އަދި ފެނިވަޑައިގަންނަވަނީ ކިހިނެތް ހެއްޔެވެ؟” ފަހެ، އެކަމަނާ ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ތިމަންކަމަނާގެ އިވުމާއި ފެނުން ތިމަންކަމަނާ ރައްކާތެރިކުރަމެވެ. (އެބަހީ: ތިމަންކަމަނާއަށް ނުފެންނަކަމެއްގެ ވާހަކަ ނުވަތަ ނުއިވޭ ކަމެއްގެ ވާހަކަ ނުދައްކަވާނަމެވެ.) އެކަމަނާގެ ކިބައިން ހެޔޮކަމެއް މެނުވީ ތިމަންކަމަނާއަށް އެނގިވަޑައި ނުގަންނަވައެވެ.” ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. “އެހެނެއްކަމަކު ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންކުރެ ތިމަންކަމަނާއާ (އޭގެކުރިން) ވާދަކޮށް އުޅުއްވީވެސް އެކަމަނާއެވެ.”

* مستدرك الحاكم ގައި ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ.

“އުންމު ޙަބީބާ މަރަށް ޙާޟިރުވެފައިވަނިކޮށް ތިމަންކަމަނާއަށް ގޮވާލެއްވިއެވެ. ފަހެ، އެކަމަނާ ވިދާޅުވިއެވެ. “އަނބީންގެ މެދުގައި ހުންނަ ކަންކަން ތިމަންމެންގެ މެދުގައި ހިނގިއެވެ. ފަހެ، އެހުރިހާކަމަކަށް ﷲ ތަޢާލާ ފުއްސަވާދެއްވާނދޭވެ. އަދި ޢަފޫކުރައްވާނދޭވެ. އަދި އެކަންކަމުން ކަމަނާއަށް ހިތްހަލާލުކޮށްފީމެވެ. ފަހެ ޢާއިޝާ ވިދާޅުވިއެވެ. ކަމަނާ ތިޔަވަނީ ތިމަންކަމަނާ އުފާކޮށްދީފައެވެ. ﷲ ތަޢާލާ ތިޔަކަމަނާވެސް އުފަލުގައި ލައްވާނދޭވެ. އަދި އުންމު ޙަބީބާ، އުންމު ސަލަމާވެސް އެކަމަނާގެ އަރިހަށް ގެންނެވިއެވެ. އަދި ހަމަ އެފަދަ ބަސްފުޅުތަކެއް ވިދާޅުވިއެވެ.”    

* ސަލަފުއްޞާލިހުންވަނީ، އެބޭކަލުންގެ ހިތްތަކުގެ ސަލާމަތްކަން ފުރިހަމަ ގޮތުގައި ސާބިތުކޮށްދެއްވާފައެވެ. އަދި އެއީ އެބޭކަލުން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމެވެ.

* مناقبِ الإمام أحمد ގައި ވެއެވެ. އަލްޙަސަން ބުން ޢަބްދުﷲ ބުން އަލްޚިރަޤިއްޔު ވިދާޅުވިއެވެ.

“އެއްރެއަކު، އަޙްމަދުގެ އަރިހުގައި ތިމަން ހުރީމެވެ. ފަހެ، އެކަލޭގެފާނު އަވަހާރަފުޅު ލެއްޕެވިތަނެއް ތިމަން ނުދެކެމެވެ. ހެނދުނު ވަންދެން އެކަލޭގެފާނު ކީރިތި ކުރެއްވިއެވެ. ފަހެ، ތިމަން ދެންނެވީމެވެ. އޭ އަބޫ ޢަބްދުﷲ އެވެ. ރޭގައި ކަލޭގެފާނު ވަރަށް ގިނައިން ކީރިތި ކުރައްވައިފިއެވެ. އޭގެ ސަބަބަކީ ކޮބާ ހެއްޔެވެ؟ އަޙްމަދު ވިދާޅުވިއެވެ. އަލްމުޢުތަޞިމު ތިމަންގެ ގައިގައި ޖެހި ހަނދާންވީއެވެ. އަދި ދަރުސްގައި ﷲ ތަޢާލާގެ ބަސްފުޅު ފެނުނީއެވެ.

﴿وَجَزَاءُ سَيِّئَةٍ سَيِّئَةٌ مِثْلُهَا فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ﴾ [الشورى: 40]

މާނައީ: “ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) ޢަފޫކޮށް، ޞުލްޙަވެރިވެގަތްމީހާގެ ޘަވާބުވަނީ، ﷲ ގެ ޙަޟްރަތުގައެވެ.”

ފަހެ، ތިމަން ސަޖިދަކޮށް، އެކަމުން ހިތްހަލާލުކޮށްފީމެވެ.”

އަދި އެކަލޭގެފާނު ވިދާޅުވެއެވެ.

“ޢަފޫ ކުރުމަކީ އެންމެ މޮޅު ގޮތެވެ. ތިބާގެ ސަބަބުން ތިބާގެ މުސްލިމު އަޚާއަށް ޢަޛާބު ދެއްވުމުން، އެކަމުން ތިބާއަށް ފައިދާއެއް ނުކުރާނެއެވެ! ނަމަވެސް އޭނާއަށް މާފުކޮށް ޢަފޫކޮށްފިނަމަ، ﷲ ވަޢުދުވެވޮޑިގެންފައިވާ ފަދައިން ތިބާއަށް ފާފަ ފުއްސަވައިދެއްވާނެއެވެ.”

އެއީ މިއާޔަތުގައިވާ ފަދައިންނެވެ.

﴿وَلْيَعْفُوا وَلْيَصْفَحُوا أَلَا تُحِبُّونَ أَنْ يَغْفِرَ اللَّهُ لَكُمْ وَاللَّهُ غَفُورٌ رَحِيمٌ﴾ [النور: 22]

މާނައީ: “އަދި އެބައިމީހުން ޢަފޫކޮށް މާފުކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ.” 

* އިބްނުލްޤައްޔިމް ވިދާޅުވިއެވެ.

އިބްނު ތައިމިއްޔާ ނޫން އެހެންމީހެއްގެ ކިބައިގައި، މާފުކުރުމާއި ޢަފޫކުރުމާއި ހިތް ސަލާމަތްވެގެންވުން ޖަމާވެގެންވަނިކޮށް ތިމަން ނުދެކެމެވެ. އެކަލޭގެފާނަށް އެންމެ އުނދަގޫކުރި، އެކަލޭގެފާނުގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ މަރުވިކަމުގެ އުފާވެރި ޚަބަރު އެކަލޭގެފާނުގެ ދަރިވަރަކު އެކަލޭގެފާނަށް ދިނެވެ. ފަހެ، އެކަލޭގެފާނު އެކަން މަނާކޮށް އެދަރިވަރު ދެކެ ކޯފާއިސްކުރައްވާ ވިދާޅުވިއެވެ. “މުސްލިމަކު މަރުވުމުން ތިމަންކަލޭގެފާނަށް އެކަމުގެ އުފާވެރިކަމުގެ ޚަބަރު ދެނީ ހެއްޔެވެ!” ދެން އެކަލޭގެފާނު إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ މިފަދައިން ވިދާޅުވެ ވަޤުތުން ތެދުވެވަޑައިގަތެވެ. އަދި މައްޔިތާގެ އަހުލުންނަށް ހިތްވަރުދެއްވާ ވިދާޅުވިއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ ބައްޕަގެ މަޤާމުގައެވެ.” 

* ޝަރީޢަތް އައިސްފައިވަނީ ހިތް ސާފުކުރުމާއި މޭތައް ސަލާމަތްވެގެންވުމާއި ޞަފުތައް އެއްބައިވަންތަކޮށް ރައްކާތެރިކުރުމުގެ ގޮތުންނެވެ. ފަހެ، ނަމާދުގައި ޞަފުތައް އެއްވަރުކުރުމަށް ނަބިއްޔާ صلى الله عليه وسلم އަމުރުކުރައްވައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«عِبَادَ اللهِ لَتُسَوُّنَّ صُفُوفَكُمْ، أَوْ لَيُخَالِفَنَّ اللهُ بَيْنَ وُجُوهِكُمْ» [رواه مسلم]

މާނައީ: “ﷲގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ ސަފުތައް ސީދާކުރާހުށިކަމެވެ. ނޫންނަމަ ﷲ ތިޔަބައިމީހުންގެ މޫނުތައް ބައިބައިކުރައްވަފާނެއެވެ.”

އައްނަވަވީ رحمه الله ވިދާޅުވިއެވެ.

“އެބަހީ: ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަމާއި ހިތްތައް ބައިބައިވުން މެދުވެރިކުރައްވަފާނެއެވެ.”

* އަދި ޞަޙީޙް މުސްލިމްގައިވެއެވެ.

«لَا يَبِعِ الرَّجُلُ عَلَى بَيْعِ أَخِيهِ، وَلَا يَخْطُبْ عَلَى خِطْبَةِ أَخِيهِ» [رواه مسلم]

މާނައީ: “މީހަކު އޭނާގެ އަޚާގެ ވިޔަފާރީގެ މައްޗަށް (އެއަށް ހުރަސްއެޅޭ ގޮތަށް) ވިޔަފާރި ނުކުރާށެވެ. އަދި އޭނާގެ އަޚާ މީހަކާ ކައިވެނިކުރުމަށް ހުށަހަޅާފައިވަނިކޮށް ހަމަ އެމީހާއާ ކައިވެނިކުރުމަށް ހުށަނާޅާށެވެ.”

* މިއިން ކޮންމެ ކަމެއްވެސް މިވަނީ ހިތްތައް ސަލާމަތްކޮށް ރައްކާތެރިކުރުމަށެވެ. އޭނާގެ ހިތް ސަލާމަތްވެގެން މެނުވީ ﷲ ގެ ފާފަފުއްސެވުން ނުލިބޭ ހުށްޓެވެ. އޭ ﷲ ގެ އަޅާއެވެ. ތިބާގެ ހިތް ސާފުކުރާށެވެ. އޭރުން ތިބާގެ ފާފާ ފުއްސެވޭނެއެވެ.

* ރަސޫލުﷲ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ.

«تُفْتَحُ أَبْوَابُ الْجَنَّةِ يَوْمَ الْإِثْنَيْنِ، وَيَوْمَ الْخَمِيسِ، فَيُغْفَرُ لِكُلِّ عَبْدٍ لَا يُشْرِكُ بِاللهِ شَيْئًا، إِلَّا رَجُلًا كَانَتْ بَيْنَهُ وَبَيْنَ أَخِيهِ شَحْنَاءُ، فَيُقَالُ: أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا، أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا، أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا» [رواه مسلم]

މާނައީ:”ކޮންމެ ހޯމަ ދުވަހަކު އަދި ބުރާސްފަތި ދުވަހު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭނެއެވެ. އަދި ﷲއާ ޝަރީކު ނުކުރާ ކޮންމެ އަޅަކަށްމެ ފާފަފުއްސެވޭނެއެވެ. އެއީ މީހަކާ އޭނާގެ އަޚާއާ ދެމެދު ޢަދާވާތްތެރިކަމެއް ހިނގާފައިވާ ދެމީހުން ފިޔަވައެވެ. ފަހެ ބުނެވޭނެއެވެ. މިދެމީހުން ސުލްޙަވަންދެން ފަސްކޮށްލާށެވެ. މިދެމީހުން ސުލްޙަވަންދެން ފަސްކޮށްލާށެވެ. މިދެމީހުން ސުލްޙަވަންދެން ފަސްކޮށްލާށެވެ.”

* އޭ ﷲ ގެ އަޅުތަކުންނޭވެ. ހަމަކަށަވަރުން ހިތް ސަލާވަތްވުމަކީ ރައްބާނީ ނިޢުމަތެކެވެ. އަދި އިލާހީ ދެއްވުމެކެވެ. އޭގެ ސަބަބުން އެއްބައިވަންތަ މުޖުތަމަޢެއް ބިނާވެއެވެ. އޭގެ ސަބަބުން ފިތުނައިގެ އަސަރެއް ނުކުރެއެވެ. އަދި ނަޞްރު ލިބުމާއި ބިމުގައި ބާރުވެރިވުންވާނީ އެއާ ނުހަނު ގާތުގައެވެ.

﴿هُوَ الَّذِي أَيَّدَكَ بِنَصْرِهِ وَبِالْمُؤْمِنِينَ [62] وَأَلَّفَ بَيْنَ قُلُوبِهِمْ﴾ [الأنفال: 62، 63]

މާނައީ: “އެއިލާހީ، އެއިލާހުގެ ނަޞްރާއި، މުއުމިނުން މެދުވެރިކުރައްވައިގެން، ކަލޭގެފާނަށް ގަދަކަންދެއްވި އިލާހެވެ. [62] އަދި އެއިލާހު އެބައިމީހުންގެ ހިތްތައް (އެބަހީ: މުއުމިނުންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ.”

* ޢަބްދުﷲ ބުން ޢަމްރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

قِيلَ لِرَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَيُّ النَّاسِ أَفْضَلُ؟ قَالَ: «كُلُّ مَخْمُومِ الْقَلْبِ، صَدُوقِ اللِّسَانِ» ، قَالُوا: صَدُوقُ اللِّسَانِ، نَعْرِفُهُ، فَمَا مَخْمُومُ الْقَلْبِ؟ قَالَ: «هُوَ التَّقِيُّ النَّقِيُّ، لَا إِثْمَ فِيهِ، وَلَا بَغْيَ، وَلَا غِلَّ، وَلَا حَسَدَ» [رواه ابن ماجه وصححه الألباني]

މާނައީ: ރަސޫލުﷲ صلى الله عليه وسلم  އަށް ދެންނެވުނެވެ. “އެންމެ މަތިވެރި މީހަކީ ކޮބާ ހެއްޔެވެ؟” އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “ހިތުގައި ޙަސަދަވެރިކަން ނުވާ އަދި ތެދުވެރި ދުލުގެ ވެރިންނެވެ.” އެބޭކަލުން ދެންނެވިއެވެ. “ތެދުވެރި ދުލުގެ ވެރިން ތިމަން ބޭކަލުން ދަންނަމުއެވެ. ހިތުގައި ޙަސަދަވެރިކަން ނުވާ މީހުންނަކީ ކޮބާ ހެއްޔެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ (އެހިތެއްގައި) ތަޤުވާވެރިކަންވާ، ޠާހިރު ހިތެވެ. އޭގައި ފާފަވެރިކަމާ، ދެކޮޅުވެރިކަމާ، ފޮރުވިފައިވާ ނުރުހުންތެރިކަމާ އަދި ޙަސަދަވެރިކަމެއް ނުވާނެއެވެ.”

* ހިތުގައި ފޮރުވާފައި ހުންނަ ނުރުހުންތެރިކަމާއި ރުޅިވެރިކަމާ އަދި ޙަސަދައަކީ އަބާއްޖަވެރިވުމުގެ ސަބަބެއްކަމުގައި ވުމުން، ﷲ ތަޢާލާ ވަނީ ސުވަރުގެ ވަންތަވެރިން ސުވަރުގެއަށް ވަންނައިރު އެސިފަ އެބައިމީހުންގެ ކިބައިން އެއްކިބާ ކުރައްވާފައެވެ. ސަލާމަތް ހިތުގެ ވެރިއަކަށް މިދުނިޔޭގައި ވުމީ އާޚިރަތުގެ ނިޢުމަތް ލިބުމުގެ ކުރިން މިދުނިޔޭގެ ނިޢުމަތް ލިބޭނެކަމެކެވެ.

﴿وَنَزَعْنَا مَا فِي صُدُورِهِمْ مِنْ غِلٍّ إِخْوَانًا عَلَى سُرُرٍ مُتَقَابِلِينَ﴾ [الحجر: 47]

މާނައީ: “އަދި ތިމަންއިލާހު، އެބައިމީހުންގެ ހިތްތަކުގައިވާ ޙަސަދަވެރިކަން ވަކިކުރެއްވީމެވެ. ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައިތިބޭ އަޚުންތަކެއްގެ ގޮތުގައެވެ.”

* ޔޫނުސް އައްޞަދަފީ ވިދާޅުވިއެވެ.

އިމާމު ޝާފިޢީއަށް ވުރެ ބުއްދިވެރިމީހަކާ ތިމަންނައާ ބައްދަލު ނުވެއެވެ. އެއްދުވަހަކު މައްސަލައެއްގައި އެކަލޭގެފާނާ ދެބަސްވެ މުނާޡަރާކުރީމެވެ. ދެން އެތަނުން ވަކިވެގެން ދިޔައީމެވެ. އެއަށްފަހު އެކަލޭގެފާނާ ބައްދަލުވުމުން ތިމަންގެ އަތުގައި ހިފާފައި ވިދާޅުވިއެވެ. “އޭ އަބޫ މޫސާއެވެ. މައްސަލައެއްގައި އެއްބަސް ނުވެވުނަސް، އަހަރެމެން ދެމީހުންނަކީ އަޚުވަންތަ ބަޔަކަށް ވުން ރަނގަޅުވާނެ ނޫން ހެއްޔެވެ؟”

* މީހަކު އިބްނު އައްސައްމާކަށް ދެންނެވިއެވެ. – އޭރު އެދެބޭކަލުންގެ ދެމެދުގައިވަނީ ޚިލާފެއް ހިނގާފައެވެ. –

“އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ކުރެވުނު ގޯސްކަމުގެ ވާހަކަދެއްކުމަށް ކަނޑައެޅިގެންވާ ވަޤުތަކީ މާދަމާއެވެ.” ފަހެ، އިބްނު އައްސައްމާކު އޭނާއަށް ދެންނެވިއެވެ. “އަދި ކިއެއް ހެއްޔެވެ. މާދަމާވަނީ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް މާފުކުރުމަށެވެ.”

އީމާންކަން ބަލިކަށި ނުވާނެކަމަށް ހީކޮށްގެން އުޅެނިކޮށް

އީމާންކަމުގެ ރުކުންތަކާއި އީމާންކަމުގެ އެހެނިހެން ބައިތައް

އީމާންކަމުގެ ރުކުންތައް ހައެކެވެ. އެއީ ﷲ އަށާއި، އެއިލާހުގެ މަލާއިކަތުންނަށާއި، އެއިލާހުގެ ފޮތްތަކަށާއި، އެއިލާހުގެ ރަސޫލުންނަށާއި، އާޚިރަތް ދުވަހަށާއި، ހެޔޮމިންވަރަށާއި ނުބައިމިންވަރަށް އީމާންވުމެވެ. މިއީ ޙަދީޘް ޖިބްރީލުގެ ގޮތުގައި މަޝްހޫރުވެފައިވާ ޙަދީޘްގައިވެސް އައިސްފައިވާ ކަންކަމެވެ.

އިސްވެ ދިޔަ ޙަދީޘްގައި “އީމާންކަމުގެ ހަތްދިހަ އެތައް ބައެއްވެއެވެ.” މިފަދައިން އައިސްފައިވާތީ އީމާންކަމުގެ އެކި ގޮފިތައް ޢިލްމުވެރިންވަނީ ހިމެނެއްވުމަށް މަސައްކަތްކުރައްވާފައެވެ. އެއީ ކީރިތި ޤުރުއާނާއި އެކި ޙަދީޘް ބަސްފުޅުތަކުގައިވާ އީމާންކަމުގެ ގޮފިތައް ޖަމާކުރެއްވުމަށެވެ. އެހެނީ އެޙަދީޘްގައިވަނީ އީމާންކަމުގެ “ހަތްދިހަ އެތައް ގޮތްޕެއް” ވާކަމުގައެވެ. އެހެނަސް އެއް ޙަދީޘެއްގައި އެ ހުރިހާ ގޮތްޕެއް ވާރިދުވެފައިނުވެއެވެ.

1- އިމާމު އަލްޙަލީމީއާއި އިމާމު އަލްބައިހަޤީއާ އަދި އަލްޤަޒްވީނީ ވަނީ އޭގެ ތެރެއިން 77 ގޮތްޕެއް ބަޔާންކުރައްވާފައެވެ.

2- އިމާމު ލާލުކާއީވަނީ 72 ގޮތްޕެއް ބަޔާންކުރައްވާފައެވެ. [1]

3- އަދި އިމާމު އިބްނު ބައްޠާވަނީ 70 ގޮތްޕެއް ބަޔާންކުރައްވާފައެވެ. [2]

4- އަދި އިބްނު ޙިއްބާނުވަނީ 79 ގޮތްޕެއް ބަޔާންކުރައްވާފައެވެ. [3]

5- އަދި އިޖުމާލީކޮށް ބަލަންޏާ 69 ގޮތްޕެއްވާކަމަކަށާއި ތަފްޞީލީ ގޮތަކަށް ބަލަންޏާ 79 ގޮތްޕެއްވާކަމަށް އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވިއެވެ. [4]

އެހެންކަމުން އީމާންކަމުގެ ރުކުންތަކަކީ އީމަންކަމުގެ އެންމެ އަސާސީ ބިންގަލެވެ. އަދި އީމާންކަމުގައި އެހެނިހެން ބައިތަކާއި ޢަމަލުތައްވެސް ވެއެވެ.

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“އެއެއްޗެއް ނެތިގެން ދިޔުމުން އީމާންކަން އެކީ ނެތިގެންދާފަދަ ގޮފިތަކެއް އީމާންކަމުގައި ވެއެވެ. އެއީ މިސާލަކަށް ޝަހާދަތުގެ ދެކަލިމައެވެ. އަދި މި ގޮފިތަކުގެ ތެރޭގައި އެތަނުން ގޮތްޕެއް ދޫކޮށްލިޔަސް އެމީހެއްގެ އީމާންކަން އެކީ ނެތިކޮށް ނުލާނެ ގޮފިތަކެއް ވެއެވެ. އެއީ މިސާލަކަށް މަގުމަތީގައިވާ ކުނިކޮޅު އެއްފަރާތް ކޮށްލުމެވެ. އަދި އެދެމެދުގައި ވަރަށް ބޮޑެތި ތަފާތުތައް ހުރި ގޮފިތަކެއްވެއެވެ. އޭގެ ތެރެއިން ބައެއް ގޮފިތައް (ޙުކުމަށް ބަލާއިރު) ގާތީ ޝަހާދަތުގެ ދެކަލިމައާއެވެ. އަދި އަނެއްބައި ގޮފިތައް ގާތީ މަގުމަތީގައިވާ ކުނިކޮޅު އެއްފަރާތް ކުރުމާއެވެ.” [5]

ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އީމާންކަމާއި ޢަމަލު އެކުއެކީ ޛިކުރުކުރައްވާފައިވެއެވެ. އެއީ “އީމާންވެ ޞާލިޙު ޢަމަލުތައް” ކުޅަ މީހުންގެ ވާހަކަތަކެވެ.

ހިތުގައިވާ އީމާންކަމުގެ ސަބަބުން އެމީހެއްގެ ޢަމަލުތަކަށް އަޘަރުކުރާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ ﴿١﴾ فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ ﴿٢﴾ وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ ﴿٣﴾ [سورة الماعون]

މާނައީ: “(ޤިޔާމަތް ދުވަހުން) ޖަޒާދެއްވާނޭކަން ދޮގުކުރާމީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ! [1] ފަހެ، އެއީ ޔަތީމުކުއްޖާ ކޮއްޕައި ދުރަށްލާ މީހާއެވެ. [2] އަދި މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ. [3]”

އެއީ ޤިޔާމަތްދުވަހާއި ޖަޒާދެއްވާނެކަމަށް އިންކާރުކުރާ މީހާއެވެ. [6]

އެހެންކަމުން މުންކަރާތްތަކަށް އަރައިގަންނަ މީހުން އެކަންކުރަނީ އެބައިމީހުންގެ ހިތުގައިވާ އީމާންކަން އުނިވުމުންނެވެ. މުންކަރާތްތައް ކުރިޔަސް އީމާންކަމަށް އަޘަރެއް ނުކުރާނެ ކަމަށް ހީކުރުމަކީ އަދި އެހެންބަޔަކު މުންކަރާތެއް ކުރާއިރުވެސް އެކަމަށް ހިތުގައި ނަފްރަތު ނުއުފެދުމަކީ އެމީހެއްގެ އީމަންކަން ބަލިކަށިކަމުގެ ޢަލާމާތެކެވެ.

= ނުނިމޭ =